Featured Post

Ombey

Saturday, November 30, 2019

Namaadhai faruvaakudakurumakee nurakkaatherikameh

ނަމާދަށް ފަރުވާކުޑަކުރުމަކީ ނުރައްކާތެރި ކަމެއް.
Image result for lazy to pray 

ލިޔުނީ: ޒީނަތު ލަބީބު.


ނަމާދު ވަޤުތުން ލަސްކުރުމަކީ ހުއްދަވެގެންވާނެ ކަމެއްނޫނެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا ﴿ سورة النساء ﴾ މާނައީ: ހަމަކަށަވަރުން ނަމާދަކީ މުއުމިނުންގެ މައްޗަށް ވަގުތު ކަނޑައެޅިގެންވާ ފަރުޟެއްކަމުގައި ވެއެވެ.
ނަމާދުތަކަށް ފަރުވާކުޑަކޮށް އެނަމާދުތައް އޭގެވަގުތުން ފަސްކުރާ މީހާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެމީހުންނަށް އެކުރެވޭ ފާފައިގެ ބޮޑުކަން އެމީހުންނަށް ވިސްނޭނެނަމައެވެ. އެމީހުންނަށް ގެއްލިގެން ދިޔައީ ކިހާބޮޑު ނިޢުމަތެއްކަން އެމީހުންނަށް ވިސްނޭނެނަމައެވެ.  ޤަސްދުގައި އެއްމެ ނަމާދެއްވެސް ދޫކޮށްލައިފި މީހާ، ފާފައިގެ ދޮރުތަކުގެ ތެރެއިން ބޮޑެވެގެންވާ ދޮރެއް ހުޅުވައިފިކަން ކަށަވެރެވެ. އެމީހެއްގެ ފާފަ ވައްކަންކުރާ މީހާއާއި ރާބޯ މީހާއާއި ޒިނާކުރާމީހާގެ ފާފައަށްވުރެ ބޮޑެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. فَوَيْلٌ لِلْمُصَلِّينَ * الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ ( الماعون: ٤ – ٥) މާނައީ: "ފަހެ އެބައިމީހުންގެ ނަމާދާއިމެދު ޣާފިލުވެތިބެގެން ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ." އަދިވެސް ވަޙީކުރައްވާފައިވެއެވެ. فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيًّا (مريم: ٥٩) މާނައީ: "އެއުރެންނަށް ފަހު (އިސްވެ ދިޔަ ހެޔޮލަފާ މީހުންނަށް ފަހު) ނުބައި ބަޔަކު އައެވެ. އެބައި މީހުން ނަމާދު ނަގައިލިއެވެ. އަދި އަމިއްލަ އެދުމަށް ތަބާވިއެވެ. ފަހެ ގަދަފަދަވެގެންވާ ޢަޛާބާ ފަހުން އެމީހުން ބައްދަލުކުރާނެތެވެ."
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "أوَّلُ مَا يُحاسَبُ بِهِ العَبْدُ يَوْمَ القِيامَةِ الصلاة، فَإِنْ صَلحَتْ صَلحَ سَائِر عَمَله، وَإِنْ فَسَدَتْ فَسَدَ سَائِرُ عَمَله" (أخرجه الطبراني) މާނައީ: "ޤިޔާމަތް ދުވަހު އެކަމަކުން އަޅާގެ ޙިސާބުބެއްލެވޭނެ އެންމެ ފުރަތަމަ ޢަމަލަކީ ނަމާދެވެ. ފަހެ ނަމާދު ރަގަޅުވެއްޖެނަމަ އޭނާގެ ހުރިހާ ޢަމަލެއް ރަގަޅުވާހުއްޓެވެ. އަދި ނަމާދު ފާސިދުވެއްޖެނަމަ އޭނާގެ ހުރިހާ ޢަމަލެއް ފާސިދުވާހުއްޓެވެ."
ކިރިޔާވެސް ހިތުގައި އީމާންކަމުގެ ޒައްރެއްގެ މިންވަރުވާ މީހާވެސް ޤަސްދުގައި ނަމާދެއް އެޅުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ނަމާދުތަކަށް ފަރުވާކުޑަކުރުމަކީ ޝަހާދަތުގެ ދެކަލިމަ ކިޔައިގެން ހުރި އެއްވެސް މުސްލިމަކު ކުރަން  ހެޔޮވާވަރުގެކަމެއް ނޫނެވެ. ފަރުޟު ފަސްނަމާދަށް ރައްކާތެރިނުވެ، ބައެއް ނަމާދުތައް ދޫކުރަމުންދާ މީހާ ކާފަރު ނުވިޔަސް، އެ މީހާ އެހުރީ ނުރައްކާތެރި ޙާލަތެއްގައިއެވެ. އޭގެ ސަބަބުން، ނަމާދުތައް ދޫކުރުމަށް އޭނާގެ ނަފްސު ހޭނިގެން ދިޔުމަށް މަގުފަހިވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ކުފުރުވާ ހިސާބައްވެސް އެމީހަކު ހިނގައިދާނެއެވެ. އަޅާއާއި އޭނާގެ ރައްބާއި ގުޅުވައިދޭ އެއްމެ މުހިއްމު ބަހާއަކީ ނަމާދެވެ. އެ ގުޅުން ކަނޑާލައިފި މީހާ ހަމަ ޔަޤީނުންވެސް އެހުރީ ވަރުގަދަ ޢަޒާބަކަށް ހުށަހެޅިގެންނެވެ.
ނަމާދު އަޅައި ޝަހުވަތްތަކަށް ތަބާވާމީހުން ނަރަކައިގެ "އަލްޣައްޔު" އޭ ކިޔުނު ވާދީ އަށް ވަންނާނެކަމުގެ ޚަބަރު ﷲ ތަޢާލާ  ވަނީ ދެއްވާފައެވެ. އަދި ފަރުޟު ފަސްނަމާދު ބަރާބަރަށް އަދާނުކުރާމީޙުންނަށް (އެބަހީ: ބައެއް ނަމާދުތައް ދޫކޮށްފައި، ނަމާދު ކުރި ނަމަވެސް ﷲ ތަޢާލާގެ ޒިކުރުން ޣާފިލުވެ ނަމާދުކުރާ މީހުންނަށް) ހުރި ނުބައި ޖަޒާގެ ވާހަކަ ބަޔާންކުރައްވައި އެއިލާހު ވަޙީކުރައްވާފައި ވެއެވެ. فَوَيْلٌ لِّلْمُصَلِّينَ ﴿٤﴾ الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ ﴿٥﴾ – سورة الماعون   މާނައީ: ފަހެ ނަމާދުކުރާމީހުންނަށް ގަދަފަދަ ޢަޒާބު ހުއްޓެވެ. އެމީހުންނަކީ ނަމާދު ތަކާމެދު ޣާފިލުވެ، ނަމާދުތައް ވަޤުތުން ލަސްކޮށް ހަދާމީހުންނެވެ.
ﷲ ތަޢާލާ އަންގަވާފައިވަނީ، ރެއަކާއި ދުވާލު ފަރުޟު ފަސްނަމާދު ކަނޑައެޅިފައިވާ ވަޤުތުތަކެއްގައި އަދާކުރުމަށެވެ. އެއްވެސް ޙާލެއްގައި އެއްނަމާދު އަދާކޮށްފައި، އަނެއް ނަމާދު ދޫކޮށްފައި، މިފަދައިން ނަމާދުކުރާކަށް ނޫނެވެ. ހަޤީޤަތުގައި ނަމާދު ކުރާމީހަކަށް ވާނީ ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި ކޮށް  ފަސްނަމާދަށް ރައްކާތެރި ވާނަމައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.  إِلَّا الْمُصَلِّينَ ﴿٢٢﴾ الَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَائِمُونَ ﴿٢٣﴾ سورة المعارج  މާނައީ: ނަމާދުކުރާމީހުން ފިޔަވައެވެ. އެބައިމީހުންނަކީ އެބައިމީހުންގެ ނަމާދުތައް އަދާކުރުމުގައި ދެމިތިބޭމީހުންނެވެ.
އަދި ހަމަ އެއާއި އެކު ނަމާދު ލަސްކުރުމާއި ނަމާދުގައި ކަންނެތް ވުމަކީ މުނާފިޤުންގެ ސިފައެކެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. "… وَإِذَا قَامُواْ إِلَى الصَّلاَةِ قَامُواْ كُسَالَى يُرَاؤُونَ النَّاسَ وَلاَ يَذْكُرُونَ اللّهَ إِلاَّ قَلِيلاً" (سورة النساء: 142)  މާނައީ: "އަދި މުނާފިޤުން ނަމާދަށް ތެދުވެއްޖެނަމަ ތެދުވަނީ ކަންނެތްކަމާއިއެކީ އަދި މީސްތަކުންނަށް ދެއްކުމަށެވެ. އެހެނެއްކަމަކު ވަރަށް މަދުން މެނުވީ އެމީހުން ﷲ މަތިން ހަނދުމައެއް ނުކުރެތެވެ."
އެހެންކަމުން، ނަމާދުކުރުން އެއްކޮށް ދޫނުކޮށްލި ކަމުގައިވިޔަސް، ނަމާދުތަކަށް ފަރުވާކުޑަކޮށް،  ފަރުޟު ފަސްނަމާދަށް ބަރާބަރަށް ރައްކާތެރި ނުވާމީހާ އެހުރީ ވަރަށް ނުރައްކާތެރި ޙާލަތެއްގައެވެ. އޭ ނަމާދުކުރުމަށް ރައްކާތެރި ނުވާމީހާއެވެ! ޚާއްޞަކޮށް ފަތިސް ނަމާދުކުރުމަށް ފަރުވާކުޑަކުރާ މީހާއެވެ! ތިބާ އެމަގަކުން ހިނގާނެ މަގެއް ކަމުގައި ޝައިޠާނާގެ މަގު ޚިޔާރު ކުރީ ކީއްވެގެން ހެއްޔެވެ؟ ތިބާގެ ކަންފަތަށް، މީހަކު ކުޑަކަމު ދިއުމަށް ތިބާ ރުހޭނަން ހެއްޔެވެ؟ ހަމަޔަގީނުން ވެސް ނުރުހޭނެކަން ކަށަވަރެވެ. ނަމަވެސް ތިބާގެ ކަންފަތަށް ޝައިޠާނާ ކުޑަކަމުދިޔުމަށް ތިބާ ރުހެނީ ކީއްވެގެން ހެއްޔެވެ؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި، އިރު އަރަންދެން ނިދާފައި އޮތް މީހެއްގެ ވާހަކަ ދެންނެވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "ذَاكَ رَجُلٌ بالَ الشَّيْطانُ في أُذُنَيْهِ" (متفق عليه) މާނައީ: "އެއީ ޝައިޠާނާ އެމީހެއްގެ ކަންފަތަށް ކުޑަގިފިލި ކޮއްފައިވާ މީހެކެވެ."
އޭ އަޚާއެވެ! އަމިއްލަ ނަފްސާމެދު ވިސްނާލަބަލާށެވެ! ބަންގީގެ އަޑު ތިބާއަށް ނީވޭ ހެއްޔެވެ؟ އެންމެ ފަހުން ތިބާ ނަމާދުކުރީ ކޮންދުވަހަކު ކަން ހަނދާން އެބަހުރި ހެއްޔެވެ؟ މިމަތިވެރި އަޅުކަމުން މަޙްރޫމްވެގެން އަޅުގަނޑުމެން ދާން ބޭނުންވާ މަންޒިލާ ހަމައަށް ވާޞިލްވެވޭނެހެން ތިބާއަށް ހީވަނީ ހެއްޔެވެ؟ އޭ ފާފައިގެ ކަނޑުގައި ޣަރަޤުވެފައިވާ އިންސާނާއެވެ! ސުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތިވާށެވެ! ތައުބާވުމަށް އަވަސްވެގަންނާށެވެ! އޭރުން ކުރެވިފައި ހުރި ފާފަތައް ފުހެވޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާއަށް ދެއްވާފައިވާ ނިޢުމަތްތަކުގެ މަތިން ހަނދާން ނައްތާނުލާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަދަދަށް އެދި އަބަދުވެސް ދަންނަވާށެވެ. އަދި މުއުމިނަކަށް ވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!  މުއުމިނުންނަކީ އެއުރެންގެ ނަމާދުތަކުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ. މުއުމިނުންނަކީ فردوس އޭކިޔުނު ސުވަރުގެ ވާރުތަވާ މީހުންނެވެ. އަދި މުއުމިނުން އެތާނގައި ދެމިތިބޭހުށްޓެވެ.
މިފަދަ މަތިވެރި ނިޢުމަތެއް ބޭނުންނުވާނީ ފަހެ ކާކު ހެއްޔެވެ؟  އަޅުގަނޑުމެން އެންމެންނަކީ ފަރުޟު ފަސްނަމާދަށް ރައްކާތެރިވާ ބައެއްގެ ގޮތުގައި ލައްވާށި.

މަޞްދަރު: ދިސަލަފިއްޔާ



No comments: