ހަނދާނުން ނުފިލި ދަތުރު
މިދަތުރަކީ
އަޅުގަނޑު (ޖ.މަތީރަށު ތިންހިޔަ މުޙައްމަދު ޒާހިދު) ޒ. ތިރީރަށު އުފުލި
ޖަމްޢިއްޔާގެ ދަޢުވަތަކަށް ފުޓްބޯޅަ މެޗެއް ކުޅުމަށް ތިރީރަށަށް ކުރި ދަތުރެކެވެ.
މި މެޗްގައި އެއްކޮޅުން ބައްދަލުކުރާނީ އަޅުގަނޑުގެ ރައީސްކަމުގެ ދަށުގައިވާ
ވިއަރި ޖަމްޢިއްޔާގެ ފުޓްބޯޅަޓީމެވެ. މިދަތުރު ފުރީ 25 ޖެނުއަރީ 2005 ވަނަ
ދހުވަހުގެ ހެނދުނު 7:00 ގައެވެ. ފުޓްބޯޅަޓީމުގެ އިތުރުން މިދަތުރުގައި 200
ވަރަކަށް މީހުން ބައިވެރިވިއެވެ. ރަށުގައި އޮތް އެންމެ ބޮޑު މަސްދޯނި ކަމަށްވާ
110 ފޫޓުގެ ގޮދާދޯނި އޮތީ ފުރިފައެވެ. އަދި ދޯނިއޮތީ ޖަމްޢިއްޔާގެ ދިދައާއި ތަފާތު
ކުލަކުލައިގެ ފޮތިން ހަދާފައިވާ ދިދަތަކުން ޒީނަތްތެރި ކޮށްފައެވެ. ދަތުރުގެ
ދިގުމިނަކީ 45 މިނިޓެވެ.
އާދަޔާޚިލާފަށް ކަނޑުމަޑު މޫސުމް ރީތި މިދުވަހު މިފަދަ ދަތުރެއްގެ މަތިން
ފެންނަން ހުންނާނެ ހުރިހާކަމެއް ފެނުނެވެ. ރަށުގެ އަންހެނުން މާކުރިން މިދަތުރަށް
ތައްޔާރު ވެފައިވާކަން ދޯންޏަށް އަރުވާފައިވާ ކާތަކެތިން ވެސް އެނގެއެވެ. ކެއުމުގެ މަޖަލާ އެއްވަރަށް ލަވަބާޒީއާއި
ބޮޑުބެރުގެ ކުޅިވަރު ވެސް އޮތެވެ. މެޗް އޮތީ ހަވީރުކަމަށް ވެފައި ވަރުބަލިވެދާނެތީ
މި ކުޅިވަރުތަކުގައި ކުޅުންތެރިން ބައިވެރިނުވުމަށް އަޅުގަނޑު އެންގީމެވެ.
ވީނުވީއެއް ނޭނގި ގޮދާދޯނިގޮސް ތިރީރަށުގެ ހިތްގައިމު ފަޅަށްވަދެ ފާލަމާ
ކައިރިކުރިއިރު އިހުގެ ރަސްކަލެއްގެ ދަތުރުފުޅަށް ރަށް ތައްޔާރު ކޮށްފައިވާ
ފަދައެވެ. އެ ޖަމްޢިއްޔާގެ އިސް މެންބަރުންނާއި ފުޓްބޯޅަ ކުޅުންތެރިންނާއި
ޢާއްމުރައްޔިތުން ދިދައާއި ޕޮންޕޮން ހިފައިގެން ޓީމަށް މަރުޙަބާ ކިޔަން
ތިއްބެވެ. ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް
ވަރަށް ރީތި ގުލްދަސްތާއެއް ދެވުނެވެ. އަދި މަރުޙަބާގެ ޢިބާރާތްތައް ލިޔެފައިވާ
ފޮތިތައް އަތިރިމަތިންނާއި ރަށުތެރެއިން ފެނުނެވެ. އަތިރިމަތީގައި ހުރި ހިޔާދޭ
ބޮޑެތި ގަސްތަކުގެ ދަށުގައި ތައްޔާރުކުރެވިފައިވާ "ވެލްކަމް ޑްރިންކް"
އަށް އިންޞާފުކުރަމުން ދިޔައިރު ރަށުގެ ޒުވާން އަންހެންކުދިން މަރުޙަބާގެ ރީތި، ލަވައަކަށް
ހިތްގައިމު ނެށުމެއް ހުށަހަޅަމުން ދިޔައެވެ.
އެހިސާބުން ދިޔައީ އަޅުގަނޑުމެން ޓީމު ތިބެން ހަމަޖެހިފައިވާ ގެއަށެވެ.
ފެންވަރައި ނިމިގެން ހެނދުނުސައި ބުއިމަށް ދިޔައީ އެ ޖަމްޢިއްޔާގެ މައި
މަރުކަޒަށެވެ. ސައިގެކަންތައް ނިމުމަށްފަހު ދެޖަމްޢިއްޔާގެ މެންބަރުން އެއްބަޔަކު
އަނެއްބަޔަކަށް ތަޢާރަފުކުރުން އޮތެވެ. އެއަށްފަހު ދިޔައީ ކުޑަކޮށް ރަށުތެރެ
ބަލާލުމަށެވެ. ރަށަކީ ޢުމްރާނީގޮތުން ވަރަށްބޮޑަށް ތަރައްޤީވެފައިވާ މަސްވެރި
ރަށެއްކަން ރަށުތެރެއިން ފެނުނު މަންޒަރު ތަކުން އެނގުނެވެ. ރަށުތެރޭގައި
ހިނގަމުން ދިޔައިރު، އަޅުގަނޑަށް އެންމެ ފާހަގަ ކުރެވުނީ މިރަށުގައިވާ އާސާރީ
ބޮޑުމިސްކިތެވެ. އެ މިސްކިތުގެ ބޭރުގައިވާ ލިޔުމުން އެނގުނުގޮތުން މިހާރު އެ
މިސްކިތަށް 400 އަހަރު ވެދާނެއެވެ.
ރަށުތެރޭގައި ހިނގާލުމަށްފަހު
ގެއަށް ދިޔައިރު މެންދުރު ވެއްޖެއެވެ.
ޓީމުގެ ކުޅުންތެރިންނާއެކު އެއް
ޖަމާޢަތެއްގައި މެންދުރުނަމާދު ކުރުމަށްފަހު މެންދުރު ކާންދިޔައިރު އެތާގައި
ނެތްބާވަތެއް މަދެވެ. ކައިނިމިގެން ބަނޑުދަމާލުމަށް ގޭގައި މަޑުކުރުމަށްފަހު
މެޗްކުޅެން ދަނޑަށްދިޔައިރު ދަނޑުއޮތީ ވަރަށް ފުރިހަމައަށް ތައްޔާރު ކޮށްފައެވެ.
މެޗް ފެށުމަށް ރެފްރީ ފުމެލި ކަށިގަނޑުގެ އަޑާއެކު ތަރުޙީބުގެ އަޑުން މުޅިތަން
ގުގުމައިގެން ދިޔައެވެ. ހަނދާނަށް އައީ ސާފު ޗެމްޕިއަން ޝިޕްގެ މެޗްތަކެވެ. މެޗް
ނިމެންދެން މިއަޑަށް ބަދަލެއް ނާދެއެވެ. ފޯރިގަދަ ރީތި މި މެޗް ނިމިގެން ދިޔައީ
ދެޓީމުން ދެހާފުގައި ޖެހި ދެލަނޑުން އެއްވަރުވެގެންނެވެ. މެޗަށްފަހު ދެޓީމުގެ ދެމެދުގައި ހަދިޔާ
ބަދަލުކުރުން އޮތެވެ.
ރަށުންއައި މީހުން ފުރުމަށް އަތިރިމައްޗަށް ދިއުމަށް އަޑުގަދަކުރާއިން
ގޮވައިލުމުން އަތިރިމަތި ހީވީ ޙައްޖުމޫސުމުގެ ޢަރަފާތުބިން ހެންނެވެ.
އަތިރިމަތީގައި ހަވީރު ސައިވަނީ ތައްޔާރު ކުރެވިފައެވެ. އެމީހަކާއެމީހެކެވެ. ދެންއަންނަ ބޮޑުޢީދެއްގައި
ފުޓްބޯޅަ މެޗެއް ކުޅުމަށް ތިރީރަށަށް އައުމަށް ދަޢުވަތު ދެމުން އަޅުގަނޑު ދޯންޏަށް
އެރުމާއެކު ދޯނި ދުއްވައިލިއެވެ. ދޯނި ފަޅުން ނުކުންނަންދެން އަލްވަޑާޢުގެ
އަތްތައް ދެފަރާތުން ހޫރިހޫރި ހުއްޓެވެ.
No comments:
Post a Comment