Tuesday, December 11, 2018

maadhamaa thibaa ah huree kongotheh heyyeve. !!!!


މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!

Related image

ލިޔުނީ: ޒީނަތު ލަބީބު. 

އޭނާޔަކީ އަހަރެންގެ ވަރަށްގާތް އަވަށްޓެރިއެކެވެ. އަހަރެން ބައެއްދުވަސް ދުވަހު އޭނާގެ ގެއަށްގޮސް ވާހަކަ ދައްކާ މަޖާކޮށް ހަދަމެވެ. އެއީ އަހަރެންގެ ރައްޓެއްސަކަށް ވީތީއެވެ. އަހަރެންނަކީ އޭނާގެ އޮފީހުގައި އުޅޭމީހަކަށް ވެސް ވުމާއިއެކުއެވެ.
އަހަރެން އެ އޮފީހުގައި އުޅޭތާ އެހާ ގިނަދުވަސްތަކެއް ނުވެއެވެ. އެހެންކަމުން އޭނާޔަކީ ކޮންކަހަލަ މީހެއްކަން އަހަރެންނަށް ކުރިޔަކުން އެނގިފައެއް ނެތެވެ.

ކޮންމެ ދުވަހަކުވެސް އޮފީސް ނިންމާލުމަށްފަހު އޭނާ  ބޮޑު ހަތަރު ބަނަސް ގަނެއެވެ. އަހަރެން އެގެއަށް ދާއިރުއަބަދުވެސް ތިބެނީ އޭނާގެ އަންހެނުންނާއި ހަތަރުއަހަރަކަށްދާ ދަރިފުޅެވެ. އެހިސާބުމީހުން އަހަރެން އެގެއަށް ވަދެ ނިކުމެހަދާތީ އަހަރެންނާއި ދިމާޔަށް ވަރަށް ބަލަހައްޓައިގެންވެސް ތިބެއެވެ.

އަހަރެން އެގެއަށްދާއިރު އޭނާގެ އަވަށްޓެރިއެއްވެސް އެގެއަށް ވަދެލާ އިންނަތަނެއް ނުދެކެމެވެ. އޭނާ ކޮންމެދުވަހަކުވެސް މިގެންދާ ހަތަރުބަނަހާ މެދުވެސް އަހަރެންގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. އަހަރެން މިކަމާ އެއްދުވަހު އޮފީސް ނިއްމާލުމަށް ފަހު އޭނާޔާ ސުވާލުކުރީމެވެ. "ކީއްކުރަން ކޮންމެދުވަހަކު ގެންދާ ބަނަހެއްތަ؟" އޭނާވަރަށް ހެވިލާފައި ޖަވާބުދިނެވެ. "އަހަރެންގެ ދަރިފުޅު ވަރަށް މީރުކޮށް ކާއެއްޗެއްމީ، ދަރިފުޅުމިނުގެންގޮސް ފިއްޔާ އެދުވަހުނުވެސްކާނެ" ... އަހަރެން ދެންއެކަމަކާ މާބޮޑަކަށް އަޅައެއްނުލަމެވެ.
އަހަރެން އެގެއަށް ދިއުމުގައި އޭގޭގައި ވަކިން ކޮޓަރިއެއް ހަދާފައި ހުންނަތަން ފެނެއެވެ. މިކަމާ އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ. އެގެއަށް ދާއިރު އެކޮޓަރީގައި އަބަދުވެސް ބޮތްކެއް ދިއްލާފައި އޮންނަތަން ފެނެއެވެ. އޭނާ އެކޮޓަރި ކައިރިއަށް ދާތަނެއް އަހަރެންނަކަށް ނުވެސްފެނެއެވެ. އަދި އެކޮޓަރީގެ ތެރެއިން މީހަކު ނުކުމެ އުޅެނިކޮށްވެސް އަހަރެން ނުދެކެމެވެ. މިކަމާވެސް އަހަރެންސުވާލެއް ރާވާލީމެވެ. "އޭ! ތިގޭގަ ވަކިން އެހުންނަނީނުދޯ ކޮޓަރިއެއް؟؟ އެތަން އެއީހުސްކޮށްހުރިތަނެއްތަ؟ އެތަންމަށަށް ކުއްޔަށްދޭންވީނު!" އަހަރެން މިހެން ބުނުމުން އޭނާހިނިގަނޑެއް ޖަހާލިއެވެ.

"ދޮންކަލޯ އެއީ ކުއްޔަށްދޭ ކޮޓަރިޔެއް ނޫން އެތަނަށް ނިދަންއަންނަ ކުއްޖަކު އުޅޭނެ އޭނަ ހިފާފަ ހުރިތަނެއް އެއީ" އޭނާ ބުންޏެވެ.
"އެހެންތަ ކަލެޔާ މަ ސަމާސާ ކޮއްލީ އިނގޭ... މަށަށް އިނގޭ މިހާ ބައިބޯ ތަނެއްގައި ކޮޓަރިއެއް ހުހަށް ނުހުންނާނެ ކަން" އަހަރެން ބުނެލީމެވެ. 

މިގޮތުގައި ދުވަސްތައް ވޭތުވަމުންގޮސް އޮފީސް ބަންދު ދުވަހެއްގައި އަހަރެން އަންހެނުންނާއިއެކު އެގެއަށް ދިޔައީމެވެ. އަހަރެން އެގެއަށްދިޔަމަގު މަތީގައި ކައިރީގައިހުރި ފިހާރައަކަށް ވަދެ ހަތަރުބަނަސްގަތީމެވެ. އަންހެނުން ކީއްކުރާ ބަނަހެއްތޯ އެހުމުން އަހަރެންބުނީ މީއޭނާގެ ދަރިފުޅަށް ވަރަށްމީރު އެއްޗެއް ކަމުގައެވެ. އެދުވަހު އެގެއަށްގޮސް  އޭނާގެ ދަރިފުޅަށް އަހަރެން ބަނަސް ކޮތަޅު ދިއްކޮއްލާފައި ބުނީމެވެ. "ކޮއްކޯ! މިހިރީ ބަނަސް ވަރަށް މީރުވާނެދޯ؟" އެކުއްޖާ އަހަރެންދެކެ ވަރަށް ރުޅިއައިސްފައި ހުރި ފާޑަކަށް ހުރެ ބަލަހައްޓައިގެން ހުއްޓެވެ. އަހަރެންގެ ހިތުގައި ސުވާލުތަކެއް އެވަގުތު އުފެދުނެވެ. އެވަގުތު އޭނާގެ ބައްޕަ ހީލާފައި ބުންޏެވެ. "ތީވަރަށް ވަރުގަދަކުއްޖެއް! ބައްޕަގެންނަ ބަނަސް ނޫނިއްޔަ ކަމަކުނުދާނެ" އޭރުވެސް އެކުއްޖާ ވަރަށް ރުޅި އައިސްގެން އަހަންނާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އެ ދުވަހު އެ ހިނގާދިޔަ ހާދިސާއާމެދު އަހަރެން މާބޮޑަކަށް ނުވިސްނަމެވެ.    

އަހަރެން ޖެހިގެން އައިދުވަހު އޭނާގެ އަތުން ޕެންޑްރައިވް އެއް ނަގަންވެގެން އޭނާ ގޭގައި އުޅޭނެ ގަޑިއަކަށް ވާތީ ނުގުޅައި އެގެއަށް ދިޔައީމެވެ. އަހަރެން އެގޭގެ ދޮރާށި ހުޅުވާލި ތަނާ  އޭނާގެ އަންހެނުން ދުރުގައި ވަކިންހުރި ކޮޓަރީގެ ދޮރުމަތީ ގައި ބަނަސް ކޮތަޅެއް ހިފައިގެން ހުއްޓެވެ. އޭނާއަކަށް އަހަރެން ނުފެންނާނެއެވެ. އަހަރެން ކުޑަކޮށް އެތެރެއަށް ޖެހިލިތަނާ އޭނާގެ އަންހެނުން އެކޮޓަރީގެ ދޮރު ހުޅުވާލާފައި އެ ބަނަސްކޮތަޅު އެ ކޮޓަރީގެ ތެރެއަށް އެއްލާލުމަށްފަހު ބުންޏެވެ. "މިއޮތީ ކާނާ ދެންވެސް މިކައިގެން އޮވެވޭތޯ ބަލާބަލަ" މި ހިސާބުން މިވާގޮތެއް ވަރަށް ރަނގަޅަށް ބަލަން އަހަރެން ބޭނުންވިއެވެ. އަހަރެން ހިތައް އެރިއެވެ. އެ ކޮޓަރީގައި އަނެއްކާ މިމީހުން ގެންގުޅޭ ޖަނަވާރެއް އޮތީބާވާއެވެ؟ އަހަރެން ވަގުތުން އެގޭގައިހުރި ބަގީޗާ ގަސްތަކުގެ ތެރެއަށް ތިރިވެނިވެލީމެވެ.
މި އަންހެނާ ކޮތަޅު އެއްލައިލުމަށްފަހު އެނބުރި އައިއިރު އޭނާގެ މޫނުމަތީގައި ރުޅިވެރިކަމުގެ އަސަރު އިންތިހާއަށް ހުއްޓެވެ. އެ އަންހެނާ ދުވަހަކުވެސް އެހާ ރުޅިއައިސްފައި ހުއްޓާ އަހަރެން ނުދެކެމެވެ. މަޑުމަޑުން ކޮންމެވެސް އެއްޗެހިތަކެއް ކިޔަމުން ގޮސް އެމީހުންގެ ކޮޓަރިއަށްވަނެވެ.

އަހަރެން ވަރަށް ނިވާވަމުން ގޮސް މި ބަނަސްކޮތަޅު އެއްލި ކޮޓަރި ބަލާލީމެވެ.

ޞުބުޙާނަ ﷲ އެވެ! ޞުބުޙާނަ ﷲ އެވެ! ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އަހަރެންގެ ޙަޔާތުގަ ވެސް އެފަދަމަންޒަރެއް ނުދެކެމެވެ. ކޮޓަރި ތެރެއިން ދުވިވަހުން އަހަންނަށް ހޮޑުނުލެވުނީ ކިރިޔާއެވެ. އިންސާނުންގެ ނަޖިހުގެ ވަހެވެ! މުޅި ކޮޓަރި ތެރޭގައިވަނީ މަކުނު ވާފުރާ ފައެވެ. ކޮޓަރީގެ ތެރޭގައި ބައެއްކަހަލަ ބޭނުންނުކުރާ ފޮށީތަކާއި މޭޒުކަހަލަ އެއްޗެހި ހުއްޓެވެ. އަހަރެން ހިތްވަރުކޮށްލާފައި ނޭފަތުގައި އަތްއަޅައި ކޮޓަރީގެ ތެރެއަށް ބަލަހައްޓައިގެން ހުރީމެވެ. ދެލޯ ވަޅުވަދެފައިވާ މުސްކުޅި އަންހެނަކު އެސްފިޔަ ޖަހާނުލައި އަހަރެންނާ ދިމާލަށް ފެންކަޅިވެފައިވާ ޙާލު ބަލަހައްޓައިގެން އޮތެވެ. ގައިގައިވާ ހެދުމުގެ ކުލަވެސް ވަކިކުރަން ނޭގެއެވެ. ކިލަޔާ ނަޖިހާ ތަތްތެޅިފައި އޮތުމުންނެވެ. އެ އަންހެނާ އޮތް އެނދުގެ ކައިރީ ބިންމަތިގައި ދެބާލީސް ވެއްޓިފައި އޮތެވެ. މީހާވަނީ ހިކިއަނަރޫފަ ވެފައެވެ.

އެއަންހެނާ ކަޅިޖަހާނުލައި ޤަބުވެފައިވާ ޙާާލު ދެލޯ ބޮޑުވެފައި އޮވެ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން އޮތެވެ. އެމީހާގެ ދެލޮލުން ކަރުނަތައް ފައިބަމުންދިޔައެވެ.

އަހަރެންނަށް އެތަނުގައި ވަސް ދުވާކަން ފަހުން އިހުސާސްވެސް ނުވެއެވެ. އެ އަންހެންމީހާ މަޑުމަޑުން އޮވެ އެނދުގެ މަގަތަށް ޖެހިއްޖެެއެވެ. ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެ ހެންނެވެ. ކުއްލިއަކަށް އެނދުގެ އެއްފަރާތުގައި އަތްއަޅާއި ބިންމައްޗަށް ތިރިވިއެވެ. އެނދުގެ ކައިރީގައި އޮތް ބަނަސް ކޮތަޅުނަގައި ހުޅުވާލިއެވެ. އަދި ބިމުގައިވާ ކިލާތަކާއި އެކުވެފައިވާ ހާލު ބަނަސް ކާންފެށިއެވެ. ކައިރީގައި އޮތް ފެން ފުޅިއެއް ނެގިއިރު އޭގައި މައްޗެއްވެސް ޖަހާފައެއް ނެތެވެ.
އެއަންހެނާ އޭގެއިން ފެންބުޔެވެ.

ކިޔުންތެރިންނޭވެ! އަހަރެންނަށްވެސް ހުރެވުނީ ޤަބުވެފައެވެ. އޭނަގެ އެހާލަތައް ހަމްދަރުދީވެވި ދުއްވައިގަނެވުނީ ވެސް މާލަހުންނެވެ.
އެ އަންހެނާގެ އެންމެފަހުގެ ކެއުން އެކެއީ އަހަރެންގެ ކުރިމަތީގައެވެ. އެންމެ ފަހުގެ ފެންފޮދު އެބޮވުނީ އަހަރެންގެ ކުރިމަތީގައެވެ. 
إِنَّا لِلَّهِ وَ إِنَّا إِلَيهِ رَاجِعُونَ 

އެއަންހެނާ މިދުނިޔޭ ޙަޔާތާއި ވަކިވެގެން ދިޔަޙާލަތެވެ. އެކުވެރީންނޭވެ! މިވާހަކައިގެ ދިގުކަމުން ޚުލާސާއެއް އަހަރެން ކިޔުންތެރިންނަށް ހުށައަޅާލީއެވެ. އެކުވެރިންނޭވެ! އަހަރެންނަށް ފަހުން ހަޅޭއްވެސް ލަވައިގަނެވުނެވެ. އެކުވެރީންނެވެ! މިދުނިޔޭގެ ޙަޔާތާއި ވަކިވެގެން އެދިޔައީ އަހަރެންގެ އޮފީހުގެ އެކުވެރިޔާގެ ބަލާބޮޑުކުރި އޭނާގެ މަންމައެވެ. މިފަދަ ޙާލުގައި އޭނާ އެގެންގުޅުނީ އޭނާގެ މަންމައެވެ. އޭނާ ވިހެއި އޭނާގެ އަމިއްލަ މަންމައެވެ. އަނބިމީހާ ރުއްސުމަށްޓަކައި އެ މަންމައަށް މިފަދަ ނިކަމެތި ޙާލެއް ޖެއްސީއެވެ.  އެކުވެރިންނޭވެ! އޭގެ ފަހުން އަހަރެން އޭނާއާ ގުޅުން ކަނޑާލީމެވެ. އަމިއްލަ މަންމައާ ދޭތެރޭ މިހާ އިހާނެތިކޮށް ހިތި މީހަކާ އެކީ އުޅެވޭނީ ކިހިނެތްތޯއެވެ؟

ފަހުން އޭނާގެ އަވައްޓެރިން ބުނެދިން ގޮތުގައި އެމީހުންވެސް ތިބީ އެގެޔަށް ވަންނަން ނުކެރިފައެވެ. ސަބަބަކީ  އެފިރިހެންމީހާގެ އަންހެނުންނާ ހެދިއެވެ. އޭނާގެ ޒީލަގަދަކަމާހެދިއެވެ. އެކުވެރިންނޭވެ! މިފަދަވާހަކަތަކުން  އަހަރުމެން ޢިބްރަތެއް ޙާޞިލުކުރަމާ ހިނގާށެވެ! މިއީ ޙަޤީޤީ ޙާދިސާއެކެވެ.

އެކުވެރިންނޭވެ! ހަނދުމަކުރައްވާށެވެ! މައިންބަފައިންނަށް އޯގާވެރިވެ އެބައިމީހުންނަށް ހެޔޮކޮށް ހިތުމަށް އިސްލާމްދީނުގައި އަހަރެމެންނަށް އަންގަވާފައި ވަނީ ވަރަށްވެސް މަތީ ދަރަޖައަކަށެވެ. އެދެމީހުން، ޚާއްޞަކޮށް މަންމައަށް ހެޔޮކޮށް ހިތުމަށް ﷲ ވަނީ އަހަރެމެންނަށް އަމުރު ކުރައްވާފައެވެ. ފަހެ ﷲ ތަޢާލާ އިސްރާ ސޫރަތުގައި ވަޙީކުރެއްވިއެވެ. وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ﴿٢٣﴾ وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ﴿٢٤﴾ "  އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! (23) އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ! (24(

އެކުވެރިންނޭވެ! ﷲ ގެ ރުހިވޮޑިގަތުން ވަނީ މައިންބަފައިންގެ ރުހުމުގައެވެ. އެއިލާހުގެ ކޯފާ ވަނީ އެމީހުންގެ ނުރުހުމުގައެވެ. އަދި ދަންނާށެވެ! މިއަދު ތިބާގެ މައިންބަފައިންނާ ދޭތެރޭ ކަންތައް ކުރާ ގޮތަށް މާދަމާ ތިބާގެ ދަރިން ތިބާއާ ދޭތެރޭ ކަންތައް ކުރާނެއެވެ. އެހެންކަމުން މައިންބަފައިންނަށް އިޙްސާންތެރިވާށެވެ.

މާދަމާ ތިބާއަށް ހުރީކޮންގޮތެއް ހެއްޔެވެ.!!!!

މަޞްދަރު:

ނޫރުލް - އިސްލާމް

No comments: